މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން ރޭ އާންމުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައިގައި ރޭ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަހީދު ހިމެނޭހެން އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިގޮތުން މާރިޗު 20 ވަނަ ދުވަހު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންނަކީ،

1. މުޙައްމަދު އަލްސަން އިސްމާޢީލް (21 އަހަރު)، މޫނިމާގޭ/ތ. ބުރުނި
2. އިބްރާހީމް އަޙްމަދު (37 އަހަރު)، ގ. ހެޕީ ސައިޑް/މާލެ.
3. ޙަސަން ސަހެޝާން (47 އަހަރު)، ގ. ހެޕީ ސައިޑް/މާލެ.

މި މައްސަލާގައި ހިމެނޭ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ގ. ލިޓޯނިޔާ، މުޙައްމަދު ޝަމްޢާން ވަޙީދު (36 އަހަރު) ހައްޔަރުކޮށްފައި ވަނީ މާރިޗު 21 ގައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މިއަދު މާރިޗު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މ. ހަޒާރީވިލާ، އަޙްމަދު ލައްސާން (40 އަހަރު) ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝައްމާންގެ ބަންދަށް 15 ދުވަސް ކޯޓުން އޮތީ އިތުރުކޮށްފަ އެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މެމްބަރެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ މީހަކު ފުރުން މަނާ ކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހިފެހެއްޓީ ޝައްމާންގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނެވެ.