އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބްލޫސްކައި ޕްލެޓްފޯމްގައި ރަސްމީ އެކައުންޓެއް ހުޅުއްވައި އެޕްލެޓްފޯމާ ގުޅިވަޑައިގެންފިއެވެ. އޮބާމާ ބްލޫސްކައި އާއި ގުޅިވަޑައިގެންފައި މިވަނީ އެމެރިކާގެ ގިނަ ސިޔާސީވެރިން X (ކުރީގެ ޓްވިޓާ) އިން ދުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ބްލޫސްކައިގެ ބާނީ ރޯސް ވަންގް ވަނީ އޮބާމާގެ އެކައުންޓް ޞައްޙަކަން ޔަގީންކޮށްދެއްވާފައެވެ. މި ޕްލެޓްފޯމްގައި ފުރަތަމަ ޕޯސްޓްތަކުގައި، އޮބާމާ އޭނާގެ ރިޔާސަތުގައި ފާސްކުރެވުނު އެފޯޑަބަލް ކެއަރ އެކްޓްގެ 15 ވަނަ އަހަރީދުވަސް ފާހަގަކުރައްވައި، "ކުރިއެރުމަށް މަސައްކަތްކުރާނަމަ ބަދަލު ގެނެވިދާނެކަމުގެ ހެތްކެއް" މިގޮތަށް ލިޔުއްވާފައިވެއެވެ.
2024 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، ބްލޫސްކައި ކަހަލަ ޕްލެޓްފޯމްތަކުގެ ބޭނުންކުރުން އިތުރުވަމުން ގޮސްފައިވަނީ، އީލޮން މަސްކް X ޕްލެޓްފޯމް ބޭނުންކޮށްގެން ޓްރަމްޕްގެ ކެމްޕޭނަށް ސީދާ އަސަރުކުރުވާފައިވާތީއެވެ.
މަސްކްއަކީ މިހާރު ޓްރަމްޕްގެ ސަރުކާރުގެ "ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ" (ޑޯޖް) ގައި މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
ބްލޫސްކައިގައި މިހާރު 33 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ރަޖިސްޓަރވެފައިވާއިރު، އަލެކްސޭންޑްރިއާ އޮކާސިއޯ-ކޯޓެޒް، ބާނީ ސެންޑާސް، އެލިޒަބަތް ވޮރަން، އެލް ގްރީން އަދި ގެވިން ނިއުސަމް ފަދަ ގިނަ ސިޔާސީ ބޭފުޅުން މި ޕްލެޓްފޯމްގައި ހަރަކާތްތެރިވެއެވެ.
އޮކާސިއޯ-ކޯޓެޒްއަކީ ބްލޫސްކައިގައި އެއް މިލިއަން ފޮލޯވަރުންގެ އަދަދަށް ވާޞިލްވި ފުރަތަމަ ފަރާތެވެ.
X ގައި 130.6 މިލިއަން އަދި ފޭސްބުކްގައި 55 މިލިއަން ފޮލޯވަރުން ހުރި އޮބާމާގެ ބްލޫސްކައިއަށް ގުޅުމާއެކު، މި ޕްލެޓްފޯމް އިތުރަށް މަޤްބޫލްވެ، ކުރިއަރާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!