ކެނެޑާގެ ރިޔާސީ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަން ނިންމައިފިއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާރކް ކާރނީ އާދީއްތަ ދުވަހު އިޢުލާން ކުރެއްވި ގޮތުގައި، އެ ގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ. އެމެރިކާއިން ކެނެޑާ އަށް ކުރިމަތިކުރުވަމުންދާ އެނެކްސޭޝަންގެ ބިރާއި ޓެރިފްތަކުގެ ސަބަބުން، މިއީ ކެނެޑާގެ ތާރީޚުގައި އެންމެ މުހިންމު އިންތިޚާބު ކަމުގައި ބެލެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކެނެޑާ ވާންޖެހޭނީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ކަމަށެވެ. އަދި އެމެރިކާއިން ކެނެޑާގެ މުދަލަށް ޓެރިފް ކަނޑައެޅުމާ ގުޅިގެން ކެނެޑާއިން ވެސް ވަނީ އެމެރިކާގެ މުދަލަށް ޓެރިފް ކަނޑައަޅާފައެވެ.
މި އިންތިޚާބުގައި ވާދަކުރާ ލީޑަރުންގެ ތެރޭގައި ހިމެނެނީ މިހާރުގެ ވަގުތީ ބޮޑުވަޒީރު މާރކް ކާރނީ އާއި، ކޮންސަވޭޓިވް ޕާޓީގެ ޕިއޭރ ޕޮއިލިވްރ އަދި ނިއު ޑެމޮކްރެޓިކް ޕާޓީ (އެންޑީޕީ) ގެ ޖަގްމީތް ސިންގްއެވެ. މި ކެންޑިޑޭޓުން ވަނީ އެމެރިކާގެ ރައީސާ ކުރިމަތިލުމަށް އެންމެ އެކަށީގެންވަނީ އެމީހުން ކަމަށް ބުނެފައެވެ.
އިންތިޚާބުގެ ތާރީޚު އިޢުލާންކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާރނީ ވަނީ ޓްރަމްޕްއަށް ފާޑުކިޔުއްވާފައެވެ. "އޭނާ ބޭނުންވަނީ އަޅުގަނޑުމެން ނިކަމެތިކޮށްލާފައި އެމެރިކާއިން އަޅުގަނޑުމެން މިލްކުކުރާށެވެ،" ކާރނީ ވިދާޅުވިއެވެ.
މި ފެޑެރަލް އިންތިޚާބު އިޢުލާންކުރެވުނީ ޖެނުއަރީ މަހު ކެނެޑާގެ މަޤްބޫލުކަން ގެއްލިފައިވާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިސްތިއުފާ ދެއްވުމާ ގުޅިގެން، ލިބަރަލް ޕާޓީގެ ލީޑަރުކަމަށް މާރކް ކާރނީ ހޮވިވަޑައިގަތުމުންނެވެ.
ސަރވޭތަކުން ދައްކާ ގޮތުގައި ކެނެޑާގެ ރައްޔިތުންނާއި ލިބަރަލް ޕާޓީގެ މެންބަރުން ވެސް ޓްރޫޑޯއާ މެދު ހިތްހަމަނުޖެހިފައިވާތީ، އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ޓްރޫޑޯ އިސްތިއުފާ ދެއްވުމާއެކު، އެތައް މަހެއްގައި ކޮންސަވޭޓިވް ޕާޓީއަށްވުރެ ފަހަތުގައި އޮތް ލިބަރަލް ޕާޓީގެ މަޤްބޫލުކަން ވަނީ ކުއްލިއަކަށް އިތުރުވެފައެވެ. މިހާރު ލިބަރަލް ޕާޓީ ވަނީ ކޮންސަވޭޓިވް ޕާޓީއަށްވުރެ ކުރިއަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!