އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅް މުބާރާތުގެ، ދެކުނު އެމެރިކާ ކޮލިފިކޭޝަންގައި އާޖެންޓީނާއިން އުރުގުއޭގެ މައްޗަށް ކުރި ހޯދައިފިއެވެ. އުރުގުއޭގައި ރޭ ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

މި ފަހަރު ކޮލިފައިން މެޗުތަކަށް އާޖެންޓީނާއިން އެކުލަވާލި ޓީމުން މެސީ ބާކީކޮށްފައިވަނީ އަނިޔާގެ ސަބަބުންނެވެ. ދެކުނުއެމެރިކާގެ ކޮލިފައިންގައި މިވަގުތު އެންމެ ކުރީގައި އޮތީ އާޖެންޓީނާއެވެ. އެ ޓީމަށް ވަނީ ކުޅުނު 13 މެޗުން 28 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އިކުއެޑޯ އަށް 22 ޕޮއިންޓް ލިބިފައިވާއިރު އުރުގުއޭ އަށް ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތަރުވަނައިގައެވެ. އަދި ތިންވަނައިގައި އޮތް ބްރެޒިލް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.

Ad
rt

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އާޖެންޓީނާއަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫލިއަން އަލްވަރޭޒް ދިން ޕާހަކުން ތިއާގޯ އަލްމާޑާއެވެ. އާޖެންޓީނާއިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ނިކޮލަސް ގޮންޒާލޭޒަށް ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ، އުރުގުއޭގެ ނަހިޓާން ނަންޑޭޒް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ވޯލްޑް ކަޕަށް ކޮލިފައިވުމަށް އާޖެންޓީނާއަށް ބޭނުންވަނީ ދެން އެންމެ ޕޮއިންޓެކެވެ. ދެން ކޮލިފައިންގައި އާޖެންޓީނާއާއި ބްރެޒިލް ވާދަކުރާ މެޗުން ޕޮއިންޓެއް ހޯދި ނަމަވެސް އާޖެންޓީނާއަށް ވޯލްޑް ކަޕުން ޖާގަ ލިބިގެންދާނެއެވެ.