ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ގޫގުލްއިން ދީފިއެވެ. އެއީ ޖީމެއިލްގެ ސާރޗް ފަންކްޝަން އައު ގޮތަކަށް ބަދަލުކުރާ ވާހަކައެވެ. މި ބަދަލާއެކު، ބޭނުންވާ އީމެއިލް ހޯދުމަށް ހޭދަވާ ވަގުތު މަދުވެ، މުހިންމު މަޢުލޫމާތު ފަސޭހައިން ލިބޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މިހާރު ޖީމެއިލްގައި ސާރޗްކުރުމުން ނަތީޖާ ދައްކަނީ ތާރީޚުގެ ތަރުތީބުންނެވެ. ނަމަވެސް، އާ އަޕްޑޭޓާއެކު ސާރޗްގެ ނަތީޖާ ދައްކާނީ އެ ސާރޗްއާ ގުޅުންހުރި މިންވަރަށް ބަލައިގެންނެވެ. މިގޮތުން، އެ މީހަކާ ގުޅުން ބާއްވާ މިންވަރާއި، އެންމެ ގިނައިން ކްލިކްކުރާ އީމެއިލްތަކާއި، އަދި ގުޅުންހުރި އީމެއިލްތައް އިންބޮކްސްއަށް ލިބުނު ތާރީޚަށް ބަލާނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އަޕްޑޭޓާއެކު ބޭނުންވާ އީމެއިލްތައް ސާރޗްގެ ނަތީޖާގެ އެންމެ މަތީގައި ފެންނާނެއެވެ. މިއީ ވަގުތު ސަލާމަތްކޮށް، މުހިންމު މަޢުލޫމާތު ފަސޭހައިން ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މި އައު ފީޗަރ ތަޢާރަފުކުރުމުގެ ކުރިން، ޖީމެއިލްގައި ސާރޗްކުރުމަށް ވަކި "އޮޕަރޭޓަރސް" ތަކެއް ބޭނުންކުރަން ޖެހެއެވެ. ނަމަވެސް ގިނަ ބަޔަކަށް މި އޮޕަރޭޓަރސްތައް ބޭނުންކުރަން ނޭނގޭ ކަމަށް ގޫގުލްއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި އައު ބަދަލަކީ ޖީމެއިލް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!