އެފް-47 ފައިޓަރ ޖެޓް އުފެއްދުމަށް ޓްރަމްޕް ބޯއިންގއާ ހަވާލުކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމުގެ އެއަރ ފޯސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އެފް-47 ފައިޓަރ ޖެޓް އުފެއްދުމުގެ މުހިންމު އެއްބަސްވުމެއް ބޯއިންގ އާ ހަވާލުކުރައްވާފައެވެ. ޓްރަމްޕް މި އިއުލާނު ކުރެއްވީ ހުކުރު ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި އެއްބަސްވުމުގެ މަޤްޞަދަކީ މިހާރު ބޭނުންކުރަމުންދާ އެފް-22 ސްޓެލްތް ވޯޕްލޭން ބަދަލުކުރުމަށް އާ އަދި އިތުރަށް ތަރައްޤީކުރެވިފައިވާ މަތިންދާބޯޓެއް އުފެއްދުމެވެ. މި އައު މަތިންދާބޯޓަކީ ޕައިލެޓުން ނުލައި ދުއްވާ ޑްރޯންތަކާއެކު މަސައްކަތްކުރެވޭނެ ބޯޓެކެވެ.

"އެމެރިކާގެ އެންމެ ކުރިއަރާފައިވާ އެއަރޯސްޕޭސް ކުންފުނިތަކުގެ މެދުގައި ވަރަށް ހަރުކަށި އަދި ފުރިހަމަ ވާދައަކަށްފަހު، އެއަރ ފޯސްއިން ނެކްސްޓް ޖެނެރޭޝަން އެއަރ ޑޮމިނެންސް (އެންޖީއޭޑީ) ޕްލެޓްފޯމްގެ އެއްބަސްވުން ހަވާލުކުރަނީ ބޯއިންގއާއެވެ،" ޓްރަމްޕް ވިދާޅުވިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި މި އެއްބަސްވުމުގެ އަގު ހާމަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގައި މިއާ އެއްވަރުވާ އެއްޗެއް ނެތް. މިއަށް ކިޔާނީ އެފް-47 އެވެ. ޖެނެރަލުން ނަމެއް ހޮވައިފި. އަދި މިއީ ވަރަށް ރީތި ނަންބަރެއް، އެފް-47،" އެމެރިކާގެ 47 ވަނަ ރައީސްކަމުގައިވާ ޓްރަމްޕް ވިދާޅުވިއެވެ.

މިއީ ބޯއިންގއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު ބޯއިންގއަށް ދިމާވި ދިގު މުއްދަތެއްގެ މަސައްކަތު ހުއްޓުމާއި ސަލާމަތީ މައްސަލަތަކާ ގުޅިގެން ކުންފުނިން ވަނީ ދަތި ދުވަސްތަކެއް ހޭދަކޮށްފައެވެ.

އެންޖީއޭޑީ މަޝްރޫއު 2024 ގައި ވަނީ ޚަރަދުގެ ކަންބޮޑުވުންތަކާ ގުޅިގެން މެދުކަނޑާލާފައެވެ. މިއީ ޓްރަމްޕް ސަރުކާރުގެ މައިގަނޑު އަމާޒެކެވެ. އެގޮތުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ (ޑީއޯޖީއީ) މެދުވެރިކޮށް ބިލިއަނަރ އީލޮން މަސްކްއާ ވަނީ ހަވާލުކޮށްފައެވެ.