ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ޕޯޗުގަލް ބަލިވިއިރު އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާއި ނެދަލެނޑްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އިން ވަނީ 2-0 ގެ ނަތީޖާއިން ފްރާންސް ބަލިކޮށްފައެވެ. ކްރޮއޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ އަށްވަނަ މިނިޓްގައި އެ ޓީމަށް ގޯލު ޖަހަން ރަނގަޅު ފުރަސަތެއް ލިބުނެއެވެ. އެކަމަކު އަންޑްރޭއި ކްރަމަރިޗް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މި މެޗުގެ ލީޑު ކްރޮއޭޝިއާ އިން ނެގީ 26 ވަނަ މިނިޓްގައި އެންޓި ބުޑެމިއޭ ޖަހައިދިން ގޯލުންނެވެ. މިއީ އިވާން ޕެރިސިޗްގެ އެހީތެރިކަމާ އެކު އޭނާ ޖެހި ގޯލެކެވެ.

Ad
rt

އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާ އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެރިސިޗްއެވެ.

ރޭ ޑެންމާކްގެ ކޯޕަންހޭގަންގައި ކުޅުނު މެޗުގައި، ޑެންމާކުން ވަނީ 1-0 ގެ ނަތީޖާއިން ޕޯޗުގަލް ބަލިކޮށްފައެވެ.

މެޗު ފަށައިގެން ޑެންމާކުން ވަނީ މޮޅަށް ކުޅެ ޕޯޗުގަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާއިފައެވެ. މި މެޗުގެ 24 ވަނަ މިނިޓްގައި ޑެންމާކަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނުއިރު، ޑެންމާކުގެ ކްރިސްޓަން އެރިކްސަން ފޮނުވާލި ޕެނަލްޓީ، ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ވެސް މެޗުގެ ފުރަތަމަ ހާފުގައި ކޮސްޓާގެ ފަރާތުން މޮޅު ގިނަ ސޭވްތަކެއް ފެނިގެންދިޔައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނިޓްގައި ޑެންމާކަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ރަސްމުސް ހޮއިލުންޑްއެވެ. މިއީ ޑެންމާކް ޓީމަށް ހޮއިލުންޑް ޖަހައިދިން އަށް ވަނަ ގޯލެވެ.

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ނެދަލެންޑްސްއާއި ސްޕެއިން ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

ނެދަލެންޑްސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި، އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުން ވަނީ ނުވަ މިނިޓް ތެރޭ ލީޑުނަގާފައެވެ. މި ގޯލު ޖެހީ، ޕެޑްރީ ދިން ބޯޅައަކުން ނިކޯ ވިލިއަމްސްއެވެ.

އެކަމަކު، ނެދަލެންޑްސް އިން ވަނީ ފުރަތަމަ ހާފުގައި އެއްވަރުކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ޖަސްޓިން ކްލައިވަޓް ދިން ބޯޅައަކުން ކޯޑީ ގަކްޕޯއެވެ.

ދެ ވަނަ ހާފު ފަށައިގެން މިނިޓެއް ތެރޭ ނެދަލެންޑްސް އިން ލީޑުނެގިއެވެ. މި ލަނޑު ޖެހީ، ޖެރެމީ ފްރިމްޕޮން ދިން ބޯޅައަކުން ޓިޖާނީ ރައިންޑާސް އެވެ. މެޗުގައި ނެދަލެންޑްސް އަށް މައްސަލަ ދިމާވީ، ކުޅުންތެރިއަކު މަދުވި ހިސާބުންނެވެ. އެ ޓީމުން މެޗުގެ ޕްރެޝަރު ވަގުތުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ، 82 ވަނަ މިނިޓްގައި ޖޮރެލް ހަޓޯ އަށް ރަތެއް ދެއްކި ހިސާބުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ވެސް މޮޅުވެވޭތޯ މަސައްކަތް ކުރަމުންދިޔަ ނެދަލެންޑްސް ކޮޅަށް ސްޕެއިނުން ލަނޑު ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ވިލިއަމްސް ދިން ބޯޅައަކުން މިކޭލް މެރީނޯ އެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުން ފަހަތުން އަރައި 2-1 އިން ވަނީ އިޓަލީ ބަލިކޮށްފައެވެ.

ނޭޝަންސް ލީގުގެ ދެވަނަ މެޗުތައް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.