ލައިލަތުލްގަދްރިރޭގެ މަތިވެރިކަމާއި ސަވާބާއި ދަރުމަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުއިރު، އެ ރޭ ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައަކާއި މިހާރު ބައްދަލުވެފައިވާއިރު ހެޔޮ އަމަލުތައް ގިނަކޮށް އެ އަމަލުތައް ﷲ ގެ ހަޟްރަތުން ގަބޫލްކުރައްވާތޯ ދުއާކުރެއްވުން ގިނަކުރެއްވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

Ad
rt

ހުތުބާގައި ބުނީ ލައިލަތުލްގަދްރި ވިލޭރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވާ ކަމަށާއި، މި މަތިވެރި ރެއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލްކުރެވިގެންދާނެ ރޭކަމަށެވެ.

މާތް ﷲ ހެ ހަޟްރަތަށް ކުއްތަންވެ އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކޮށް، އެކަލާނގެ ރަހުމަތްފުޅުން ދެއްވައިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަށާއި އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ، ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިއުމަތެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

"އަޅަމެންގެ އުމުރު މިހާތަނަށް އިތުރުކޮށްދެއްވީތީއެވެ! މި މަހާ ހިސާބަށް ފޯރުކޮށްދެއްވީތީއެވެ! މިހާރު އަހަރެމެން މި ތިބީ މި މަހުގެ ފަހު ދިހައިގެ ތެރޭގައެވެ. ވީމާ އަހަރެމެންގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވައިތޯ މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާށެވެ!" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މި ދުވަސްތަކާއި ރޭތައް އިހްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާކަމެއް ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގައި ކީރިތި މާތް ނަބިއްޔާ (ސއވ) އަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާ އިރު، އެ ކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވާފައިވާ ކަމަށް ބުންޏެވެ.

ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްގަދުރި ރޭކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވާ ކަމަށެވެ. މި މަތިވެރި ރެއަކީ މާތް ﷲ، އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއެއް ކަމަށް ހުތުބާގައި ބުންޏެވެ.

ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު އުމުރު ދެއްވިއެވެ. މި އުންމަތުގެ މީހުންގެ އުމުރު ކުރުކަމުގައި ވިއަސް، މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައި ވާކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްގަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

އީމާންކަމާއެކު، ދަރުމައާއި ސަވާބަށް އެދި، އެ ރޭ އަޅުކަންކުރި މީހުންނަށް، ފާފަފުއްސަވައިދެއްވާނެއެވެ. އަދި އެ ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.