ރަމަޟާން މަހުގެ ފަހު 10 ދުވަހު މަސައްކަތަށް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުމާ ގުޅިގެން، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން މިއަދު އިޞްލާޙު ގެނެސް ވަނީ ގެޒެޓްކޮށްފައެވެ.

Ad
rt

މި އިޞްލާޙުގެ ދަށުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭނެއެވެ.

މީގެ އިތުރުން، މި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ ދިނުމުގައިވެސް މި ދުވަސްތައް ބެލެވޭނީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައެވެ. އަދި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައިގެ ތެރޭގައި މި ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ އިނާޔަތް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ނިންމުމަކީ ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާއި، އެ މުވައްޒަފުންނަށް އިތުރު ހިތްވަރެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެކެވެ.