ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ.

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި މި ހުއްދަ ދީފައިވަނީ ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.

Ad
rt

އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަޝްރޫއު ކުރިއަށް ގެންދާނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ކަމަށެވެ. "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރަން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ އެއް މުހިންމު ސިފައަކީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން 60% އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެއެވެ.

ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސްއަށް ދީފައިވާ ހުއްދައިގެ ދަށުން، ކުންފުނިން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ހުށަހަޅަންޖެހޭނެއެވެ. މި ހުރިހާ ޕްލޭންތަކެއް ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށްފަހު އެ ބޯޑުން ފާސްކުރުމުން، ކްރިސްޓަލް ހޯލްޑިންގްސްއަށް މަޝްރޫއު ކުރިއަށްގެންދިއުމުގެ ހުއްދަ ދޫކުރާނެއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު އަދި މިފަދަ ސަސްޓެއިނަބަލް ޕްރޮޖެކްޓުތަކުން ރާއްޖޭގެ ތަރައްޤީއަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުވުމަށް މަގުފަހިވެގެން ދާނެއެވެ.