ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީގެ ބައްދަލުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންފުޅު ކަމަށްވާ ޝަހީދަށް ރުހުން ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

Ad
rt

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ޖުޑީޝަޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އެ މަގާމް ހުސްވުމުން ޖޭއެސްސީން ވަނީ އެ މަޤާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލާފައެވެ. ދެވަނަ ފަހަރަށް ހުޅުވާލީ ފުރަތަމަ ހުޅުވާލުުމުގައި ކުރިމަތިލީ އެންމެ ބޭފުޅެއްކަމުން އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ނުލިބޭކަން ފާހަގަކޮށްފައެވެ. އެ ފަހަރު ކުރިމަތިލެއްވީ ދެވަނަ ފަހަރުވެސް ކުރިމަތި ލެއްވި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މަރްޔަމް ނިހާޔަތެވެ. ދެވަނަ ފުރުސަތުގައި ނިހާޔަތުގެ އިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމް ވަނީ ކުރިމަތިލައްވާފައެވެ.

ޖޭއެސްސީން މިހާރު ދަނީ ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަވެސް ބަލަމުންނެވެ.