ދިވެހިރާއްޖޭގައި ހިނގަމުންދާ ސްކޭމް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ''އެންޓި-ސްކޭމް ސެންޓަރު''ގެ ނަމުގައި ޚާއްޞަ ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މިއީ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ނިޔަތުގައި އުފައްދާފައިވާ ސެންޓަރެކެވެ.
އެހެންވެ، 17 މާރިޗް 2025 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާއިގުޅޭ އެންމެހާ ފިޔަވަޅުތައް އަޅައި، އެހެން އިދާރާތަކާއި ކުރަންޖެހޭ މުއާމަލާތްތަކުގެ ކަންތައް މަރުކަޒީގޮތެއްގައި ބަލަހައްޓާނީ މި ސެންޓަރުންކަމަށް ފުލުހުން ބުންޏެވެ.
އެ އައު ނިޒާމުގެ ދަށުން ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފައިވާއިރު، ކޯލް ސެންޓަރަށް މައްސަލަ ރިޕޯޓުކުރާ ހިނދުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު އެންޓި ސްކޭމް ސެންޓަރުން ވަގުތުން ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި އިންތިޒާމާއެކު 17 މާރިޗް އިން ފެށިގެން ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
#MPSPressStatement: 171-A(CA)PS/2025/04 – Anti-Scam Centre aa gulhey https://t.co/2MhjEbpbUt pic.twitter.com/eQrEnpad54
— Maldives Police (@PoliceMv) March 17, 2025
މި އިންތިޒާމް ހަމަޖެހުނު ނަމަވެސް މިހާރެކޭވެސް އެއްފަދައިން މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް ވެސް އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކޮށް ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކޮށް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!