ފާއިތުވި 70 އަހަރުތެރޭ ނިއުކާސަލްއަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރެވިއްޖެއެވެ.

ރޭ އިނގިރޭސި ލީގު ކަޕްގައި ނިއުކާސަލުން ބައްދަލުކޮށްފައި ވަނީ ލިވަޕޫލާއެވެ. އެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ނިއުކާސަލުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

Ad
rt

ނިއުކާސަލުން އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 1955 ވަނަ އަހަރުއެވެ. އެއީ އެ އަހަރުގެ އެފްއޭ ކަޕް ތައްޓެވެ. މެދު ފަންތީގެ ކްލަބެއްގެ ގޮތުގައި އޮތް ނިއުކާސަލް، ސައުދީގެ ސްވޮރިން ފަންޑުން 2022 ގައި ގަތުމަށް ފަހު އެ ކްލަބް ބިނާ ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ރޭ މެޗުގައި ނިއުކާސަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެ ޓީމަށް ރޭ މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ޑޭން ބާން އެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައެވެ. އުމުރުން 32 އަހަރު ޑިފެންޑަރު މި ލަނޑު ޖެހިއިރު މި ހަފްތާގައި އިނގިރޭސިވިލާތުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އޭނާ އިނގިރޭސި ގައުމީ ޓީމަށް ނަގާފައެވެ. އެހެންކަމުން މިއީ ބާންއަށް ހަނދާނުން ފޮހެލަން އުނދަގޫ ހަފްތާއެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ކިއޭސާ އެވެ.