ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗުން އެތުލެޓިކޯ މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މޮޅުވާ ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.

Ad
rt

ރޭގެ މުޅި މެޗުހެން ކޮންޓްރޯލް ކުރީ ބާސާއިންނެވެ. ނަމަވެސް ޑިފެންސައް އިސްކަންދީގެން މެޗު ކުޅެމުން އައި އެތުލެޓިކޯއިން ލިބޭ ފުރުސަތުތަކުގައި އަރާ ބާސާ ގޯލަށް އައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އެތުލެޓިކޯއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ހޫލިއަން އަލްވަރޭޒް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސޯލޯތު ވަނީ 70 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ދެވަނަ ލަނޑުޖަހައިދީ ލީޑު ފުޅާކޮށްފައެވެ. އޭގެ ދެ މިނެޓް ފަހުން ލެވަންޑޯސްކީ ވަނީ ބާސާއަށް ފުރަތަމަ ލަނޑު ޖަހައިދީ އުންމީދު އައުކޮށްދީފައެވެ. ލެވަންޑޯސްކީ ލަނޑުޖެހިތާ ހަ މިނެޓް ފަހުން ފެރާން ޓޯރޭޒް ޖެހި ގޯލުން ނަތީޖާ ހަމަހަމަވިއެވެ.

މެޗުގެ އިތުރު ވަގުތުގެ ހަމިނެޓްގެ ވަގުތު ކުޅެން ފެށިއިރު ދެ ޓީމް އޮތީ އެއްވަރުކޮށެވެ. އިތުރުވަގުތުގައި ބާސާއަށް ލީޑު ނަގައިދިނީ ލެމީން ޔަމާލްއެވެ. އޭގެ އިރުކޮޅެއް ފަހުން އެތުލެޓިކޯގެ ޑިފެންސްގެ ތެރެއިން ހެދި ގޯހެއްގެ ފައިދާނަގައި ފެރާން ޓޯރޭސް ވަނީ ލަނޑުޖަހައި ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއިއެކު ބާސާއަށް ވަނީ އަލުން ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައެވެ. ބާސާ އެއްވަނާގައި އޮތީ 27 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު އިތުރަށްކުޅެ ބާސާއާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން ދެވަނާގައި އޮތީ ރެއާލްއެވެ. ތިންވަނާގައި އޮތް އެތުލެޓިކޯއަށް 28 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.