އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން އެކަމަނާވަނީ އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ. މި ޕޯސްޓްގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެކަމަނާ ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.

Ad
rt

މި ޕޯސްޓްގަައި އެކަމަނާ ވިދާޅުވިގޮތުގައި އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރައްވާފަވެއެވެ.

ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ، ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާ ނިންމާފައި އޭނާ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި މަންދީ ވަނީ ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ތުހުމަތެއްކޮށްފައެވެ. މި ތުހުމަތު ރައީސްގެ ޢާއިލާގެ ފަރާތްޕުޅުން ދޮގުކުރަށްވާފައިވާއިރު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މަންދީގެ ވާހަކަ ވަނީ ކުށްވެރިކޮށްފައެވެ.