ދެ މެޗުގެ ދެމެދު އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބުމުން ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ރޭ ސްޕެނިޝް ލީގުގައި ވިޔަރެއާލްގެ ދަނޑުގައި 2-1 ގެ ނަތީޖާއިން ރެއާލް ވަނީ މޮޅުވެފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯއާއި ދެކޮޅަށް ކުޅެފައެވެ. ޕެނަލްޓީ ޖަހައިގެން ރެއާލް މޮޅުވި އެ މެޗުގައި އެ ޓީމުން 120 މިނެޓް ވަނީ ކުޅެފައެވެ. އެ މެޗަށް ފަހު ވިޔަރެއާލް މެޗާއި ދެމެދު ރެއާލަށް އަރާމުކުރަން ލިބިފައިވަނީ 66 ގަޑިއިރެވެ.
ރޭ މެޗުގައި ރެއާލުގެ ކުޅުންތެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެން ގޮސްފައެވެ. ވަރުބަލިކަމުގެ ސަބަބުން މެޗުގައި ރެއާލަށް މާއެދެވޭ ކުޅުމެއް ވެސް ރޭ މެޗުގައި ނުދެއްކުނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލުގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނީ އޭނާ ގަބޫލްކުރާ ގޮތުގައި މިއީ 72 ގަޑިއިރަށް ވުރެ މަދުން އަރާމު ކުރަން ވަގުތު ލިބިގެން ރެއާލުން ކުޅޭނެ ފަހު މެޗު ކަމަށާއި ދެ މެޗު ދޭތެރެއިން އަރާމުކުރަން އިތުރު ވަގުތެއް ނުލިބި ދެން އިތުރަކަށް ނުކުޅޭނެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ރެއާލުން ދެ ފަހަރެއްގެ މަތިން މެޗު ފަސްކޮށްދޭން އެދުނު ނަމަވެސް އެކަން ލަލީގާއިން ކޮށްނުދިން ކަމަށެވެ. ނަމަވެސް ލަލީލާގެ ރައީސް ހާވިއާ ޓެބާސް ވަނީ އަންޗެލޮޓީގެ ވާހަކަ ދޮގުކޮށްފައެވެ. އޭނާ ބުނީ ރެއާލުން މެޗު ފަސްކުރަން އެދިފައިނުވާ ކަމަށެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވިޔަރެއާލުންނެވެ. މި ލަނޑު ހަތްވަނަ މިނެޓުގައި ޖަހައިދިނީ ހުވާން ފޮއިތުއެވެ. ރެއާލްގެ ދެ ލަނޑު ވެސް ފުރަތަމަ ހާފުގައި ޖަހައިދިނީ އެމްބާޕޭއެވެ. މި ދެ ލަނޑާއިއެކު އެމްބާޕޭ މި ވަނީ ލީގުގައި މިހާތަނަށް 20 ގޯލު ޖަހައިފައެވެ. އޭނާ އަށް ވުރެ ގިނަ ގޯލު ލީގުގައި ޖެހީ ބާސެލޯނާ އަށް 21 ގޯލު ޖަހައިދީފައިވާ، ރޮބަޓް ލެވަންޑޯސްކީއެވެ.
މި މެޗުން މޮޅުވުމާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައެވެ. ރެއާލަށް 28 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ބާސާ އޮތީ ދެ މެޗު މަދުންކުޅެ 57 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާއި ބާސާ ބައްދަލުކުރާނެއެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ބާސާއަށް ވަނީ ހުޅުވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!