ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
އިބްރާ އެ މައްސަލަ ހުށަހަޅުއްވީ މަޖިލީހަށް އިންތިހާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ފެށުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުންނެވެ.
އެ މައްސަލާގައި ސަސްޕެންޑްކުރީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
އެހެންވެ, ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ދައުލަތުގެ އެއް ބާރު ހުއްޓުވާލާފައިވާ ކަމަށް ބުނެ އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ގާނޫނުއަސާސީއާ ހިލާފަށް ހިންގާފައިވާ އަމަލެއް ބުނެދެވިފައިނުވާ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މިހާރު އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަނީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!