ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބާއްވާ "މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި، މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުން ހުށަހަޅައިދީފައިވެއެވެ.
އަދި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސް ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެއެވެ. މިގޮތުން ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު އާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ލެކްޗަރަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިން އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން އައްޝައިޚް ނިމާލް މުޙައްމަދު، ކިޔެވި ދިޔަ ބައެއް އާޔަތްތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރަސްމިއްޔާތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރުގެ މަހުރަޖާނުގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
"މަހުރަޖާނުލް ޤުރުއާނިލްކަރީމް" އަކީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި މަހްރަޖާނުގެ މައިގަނޑު މަޤްޞަދަކީ ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔަވައި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!