މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ފައިސާއާއިއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ތިން މީހަކު ހައްޔަރުކޮށްފައި ވަނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.

Ad
rt

މި ހިނގާ މާރިޗު މަހުގެ 9 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ދިވެހީންނެވެ. އެ މީހުންނަކީ،

ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުޙައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހާބް (45އ)

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މި މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގުރާމެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ވެސް މި އޮޕްރޭޝަންގައި ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސިމްރާޙް (43އ) އާއި ޞަލާޙު ޝިހާބް (45އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ނަމަވެސް އިބްރާހީމް އިމާދު (30އ) ކޯޓުން ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މިހާރުވަނީ ފޮނުވާފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.