މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ.

ނަރީޝްވަނީ އިސްތިއުފާދެއްވުމަށްފަހު، އިސްތިއުފާގެ ސިޓީ މީސް މީޑިއާގައި ހިއްސާ ކުރަށްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

Ad
rt

އިސްތިއުފާގެ ސިޓީ ހިއްސާކުރަށްވަމުން ނަރީޝް ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެންނެވެ.

އޭނާގެ ސިޓީގައި 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދިނުމުގައި ރައްޔިތުންނާއި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފައިވާއިރު، ވަކިން ޚާއްޞަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށްވެސް އޭނާގެ ސިޓީގައި ފާހަގަކުރަށްވާފައި ވެއެވެ.

މާލެސިޓީ ކައުންސިލުގައި ހޭދަކުރެއްވި މުއްދަތަކީ އެކި ދާއިރާތަކުން ތަޖުރިބާ ހާސިލްކުރެވި، ޝަހުސު ބައްޓަންކުރަން ލިބިގެންދިޔަ ފުރުޞަތެއް ކަމަށް ނަރީޝްގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ނަރީޝް އިސްތިއުފާދެއްވާފައި މިވަނީ އޭނާ މިއަދު އިސްތިއުފާދެއްވާނެކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.