ޓެލެގްރާމަށް އައު އަޕްޑޭޓެއް ގެނެސް، ގިނަ ފީޗަރތަކެއް އިތުރުކޮށްފިއެވެ.
ދުނިޔޭގެ އެންމެ މަޤްބޫލު މެސެޖިންގ އެޕްތަކުގެ ތެރޭގައި ހިމެނޭ ޓެލެގްރާމަށް އައު އަޕްޑޭޓެއް ގެނެސް، ގިނަ ފީޗަރތަކެއް އިތުރުކޮށްފައިވާއިރު، މިހާރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ކްރޯމްކާސްޓް ސަޕޯޓް އިތުރުކޮށް، ސްޕޭމް އަދި ސްކޭމްތަކުން ރައްކާތެރިވުމަށް އައު ސެކިއުރިޓީ ފީޗަރތަކެއް ވަނީ ތަޢާރަފުކޮށްފައެވެ.
ޓެލެގްރާމުން މިމަހު ގެނެސްފައިވާ އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ކްރޯމްކާސްޓް ސަޕޯޓް އިތުރުކުރުމެވެ. މިއާއެކު، ޓެލެގްރާމުގައި ހުންނަ ވީޑިއޯތައް ފަސޭހައިން ބޮޑު ސްކްރީނަކަށް ކާސްޓްކުރެވޭނެއެވެ. މިކަން ކުރުމަށް ވީޑިއޯއެއް ހުޅުވުމަށްފަހު ސެޓިންގްސް އައިކަނަށް ފިތައި، ކްރޯމްކާސްޓް އޮޕްޝަން އިޚްތިޔާރުކުރަން ޖެހޭނެއެވެ.
މީގެ އިތުރުން، ޓެލެގްރާމުގެ ވާރޗުއަލް ކަރަންސީ ކަމުގައިވާ "ޓެލެގްރާމް ސްޓާރސް" އަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. މި ކަރަންސީ ބޭނުންކޮށްގެން މިނި އެޕްތަކުގައި ހުންނަ ކޮންޓެންޓްތަކާއި ޚިދުމަތްތައް އަންލޮކްކުރެވޭނެއެވެ. އަދި އެހެން ޔޫސަރުންނަށް ޑޮނޭޓްކުރުމަށްވެސް ބޭނުންކުރެވޭނެއެވެ.
އަދި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެފަރާތްތަކުގެ ޔޫސަރުން ވެރިފައިކުރުމަށް ޓެލެގްރާމުގެ ވެރިފިކޭޝަން ޕްލެޓްފޯމް ޑިސްކައުންޓެއްގައި ބޭނުންކުރެވޭނެ ގޮތްވެސް ހަދައިދީފައިވާކަމަށް ޓެލެގްރާމުން ބުނެފައިވެއެވެ.
މި އަޕްޑޭޓާ ގުޅޭ އިތުރު މަޢުލޫމާތު ޓެލެގްރާމުގެ ބްލޮގް ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއީ އެ ކުންފުނިން ކޮންމެ މަހަކު ގެންނަ އަޕްޑޭޓުގެ ތެރެއިން އެއް އަޕްޑޭޓްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!