ޓެސްލާގެ ހިއްސާ ވެއްޓުމާ ގުޅިގެން ޓްރަމްޕް ޓެސްލާގެ ކާރެއް ގަންނަން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޓެސްލާގެ ހިއްސާ 15 އިންސައްތައަށްވުރެ ބޮޑަށް ވެއްޓުމާ ގުޅިގެން "އައު ޓެސްލާ ކާރެއް" ބައްލަވައި ގަންނާނެ ކަމަށެވެ.

Ad
rt

ޓްރަމްޕް ވިދާޅުވެފައިވަނީ "ހަރުކަށި ވާތުފިޔައިގެ މޮޔަ މީހުން" ޓެސްލާގެ ވެރިޔާ އެލޮން މަސްކަށް "ހަމަލާދީ ގެއްލުން ދިނުމަށް" ޓެސްލާ ބޮއިކޮޓްކުރަމުންދާ ކަމަށެވެ.

ނަމަވެސް، ހިއްސާގެ ބާޒާރުގެ ތަޙުލީލުވެރިން ބުނެފައިވަނީ ހިއްސާގެ އަގު ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓެސްލާއިން އުފެއްދުންތެރިކަމުގެ އަމާޒުތަކަށް ވާސިލުވެވޭނެކަމާމެދު އޮތް ބިރުވެރިކަމާއި، ފާއިތުވި އަހަރު ވިއްކުންތައް ދަށްވެފައިވުން ކަމަށެވެ.

ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކުގެ ތެރެއިން ޓެރިފްތަކާ ގުޅޭ ސިޔާސަތުތަކުގެ ސަބަބުން ވެސް އިންވެސްޓަރުން ކަންބޮޑުވެފައިވާ ކަމަށް ތަޙުލީލުވެރިން ބުނެއެވެ.

ހޯމަ ދުވަހު އެމެރިކާގެ ހިއްސާގެ ބާޒާރުތައް ވަނީ ދަށަށް ގޮސްފައެވެ. މިއީ ޓްރަމްޕްގެ ޓެރިފްތަކުގެ އިގްތިސާދީ އަސަރުތަކާމެދު އިންވެސްޓަރުން ކަންބޮޑުވެ ހިއްސާ ވިއްކާލުމުގެ ސަބަބުންނެވެ.

މިކަން ދިމާވެފައިވަނީ އެމެރިކާގެ ރައީސް ޓީވީ އިންޓަވިއުއެއްގައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު "ބަދަލުވުމުގެ މަރުޙަލާއެއްގައި" ވާކަމަށް ބުނެ، އެމެރިކާގެ އިގްތިސާދު މަޑުޖެހުމަކަށް ދާން އޮތް ކަމަށް އިޝާރާތްކުރެއްވުމަށް ފަހުގައެވެ.

އިންވެސްޓަރުން ބިރުގަންނަނީ ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން އަގުތައް އިތުރަށް މައްޗަށް ދިއުމާއި، ކުންފުނިތަކުން މުދާ އެތެރެކުރުމުގެ އަގު ކަސްޓަމަރުންނަށް ބަދަލުކުރުމުގެ ސަބަބުން އިގްތިސާދީ ދުވެލި ދަށްވެދާނެތީއެވެ.

ހިއްސާ ވިއްކާލުމުގެ ތެރޭގައި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާ ވެސް ދަށަށް ދިޔައެވެ. ޓެސްލާގެ ހިއްސާ 15.4 އިންސައްތަ ދަށަށް ދިޔައިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ އެންވީޑިއާ، ފޭސްބުކްގެ ވެރި ފަރާތް މެޓާ، އެމެޒޯން އަދި ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ ހިއްސާ ވެސް ބޮޑުތަނުން ދަށަށް ދިޔައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ބާޒާރުތައް ހުޅުވުނު އިރު ޓެސްލާގެ ހިއްސާ ވަނީ ކޮންމެވެސް ވަރަކަށް އަނބުރާ މައްޗަށް ގޮސް 3.6 އިންސައްތަ އިތުރުވެފައެވެ.