ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އޭގެ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނެވެ. ނަމަވެސް ހައި ކޯޓުގެ ނިންމުމުގައިވަނީ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތެއް އަދި ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކިތަކެއް ނެތުމުން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!