ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޔޫކްރެއިން އަދި އަމެރިކާގެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުމުގެ ކުރިންނެވެ. އެމެރިކާއިން އުއްމީދުކުރަނީ މި ބައްދަލުވުމުން ޔޫކްރެއިން އަދި ރަޝިޔާގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

Ad
rt

ކުރީގައި ޔޫކްރެއިންގެ މައިގަނޑު އެއް އެކުވެރިޔާގެ ގޮތުގައި އޮތް އަމެރިކާއިން މިހާރު ވަނީ މި މައްސަލައާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކޮށްފައެވެ. އެމެރިކާއިން މިހާރު ބުނާ ގޮތުގައި އެ ޤައުމުގެ މަޤްޞަދަކީ ހަނގުރާމަ އަވަހަށް ނިންމުމެވެ. މިގޮތުން އަމެރިކާއިން ވަނީ ރަޝިޔާއާ ސީދާ މުޢާމަލާތްތައް ފަށައި، ޔޫކްރެއިނަށް ދެމުން އައި ސިފައިންގެ އެހީތެރިކަމާއި އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުން ހުއްޓާލާފައެވެ.

ވައިޓް ހައުސްގެ މި އައު އެޕްރޯޗާ ކުރިމަތިލަމުން، ޔޫކްރެއިނުން ވަނީ "ޕްރެގްމެޓިކް" ގުޅުމެއް ބޭނުންވާ ކަމަށް ބުނެފައެވެ. މިގޮތަށް ނިންމީ ފާއިތުވި މަހު އަމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވުނު ބައްދަލުވުމެއް ނާކާމިޔާބުވެ، ދެ ފަރާތުގެ ދެމެދުގައި ހަރުކަށި ބަހުސްތަކެއް ހިނގުމަށްފަހުގައެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރަޝިޔާގެ އިންވޭޝަނަށްފަހު މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޤައުމެކެވެ. މީގެ ތެރޭގައި ހަނގުރާމައިގެ ގައިދީން ދޫކޮށްލުމުގެ މަސައްކަތާއި، ފާއިތުވި މަހު މޮސްކޯ އަދި ވޮޝިންގްޓަންގެ މެދުގައި ބޭއްވުނު މަޝްވަރާތައް ހިމެނެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ އަދި ޔޫކްރެއިންގެ އިސްވެރިންގެ ބައްދަލުވުމަކީ ޒެލެންސްކީގެ ނާކާމިޔާބު ވައިޓް ހައުސް ޒިޔާރަތަށްފަހު ބޭއްވޭ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

ޓްރަމްޕްގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވިދާޅުވީ މި ބައްދަލުވުމާ މެދު އޭނާގެ އުއްމީދުތައް ބޮޑު ކަމަށެވެ.