ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމަށެވެ.
މި މިސެޖުގައި ރައީސް ވަނީ ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަން ފާހަގަކުރަށްވައި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު "ޓުގެދަރ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިޢާރެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމަނުޖެހުމާއި، ނާއިންސާފުގެ ހިޔަނި މި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވަމުން، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ޙައްޤުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރިކަމާއި، މާލީ ވަޞީލަތްތަކަށް ފުރުޞަތު ފަހިކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ، ޚާއްޞަކޮށް ކުދި ދައުލަތްތަކުގެ މަސްލަޙަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ސާބިތުވެ ރާއްޖެ އޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!