ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

މާރިޗު 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށްބެލޭ އެއްޗެހި އަޅާފައި ހުރި ރަބަރު ޕެކެޓްތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އަޙްމަދު ޟަމީރު (37އ)، ދުނބުމާ/ހދ. ކުޅުދުއްފުށި އާއި އަޙްމަދު އިސްމާޢީލް (31އ) ހުވަފެނީއައްސޭރި/ ހދ. ކުޅުދުއްފުށި އެވެ.

މި އޮޕަރޭޝަނުގައި މިލަންދޫން ބަނދަރުމަތިން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ޟަމީރުއާއި އަޙްމަދު އިސްމާޢީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.