މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރުދައްކައި އިންޒާރުދީ އެ ގެއަށް ގެއްލުންދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރުދައްކައި އިންޒާރުދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެ ގެއަށް ރޭ 12:45 އެހާކަންހާއިރު 4 މީހަކު ވަދެ އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އެ 4 މީހުން ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރީތިހިޔާ / އއ. މާޅޮސް، މުޙައްމަދު އަފްލާޙް (23 އަހަރު) އާއި އެލާސް / ނ. ވެލިދޫ، އިބްރާހީމް އަހްނާފް (21 އަހަރު) އާއި ހަވޭލި / ނ. މަނަދޫ، މުޙައްމަދު އަޒާން (23 އަހަރު) އަދި ފަޒާ / ތ. ގުރައިދޫ، ޢަލީ ނަވާފް (21 އަހަރު) އެވެ.
މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައިގައި އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!