އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުން ކުދިކުދިކޮށް ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ޕްލޭނަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުނުކޮށް ޣައްޒާ އަލުން ބިނާކޮށް އާރާސްތުކޮށް، ޣައްޒާގެ އިދާރީކަންކަން ބެލެހެއްޓުން ވަގުތީގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ ހަވާލުކުރުމުގެ މައްޗަށް މިސްރުން ހުށަހެޅި ޕްލޭނަށް، ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ރުހުން ދީފައި ވަނީ 4 މާރިޗް 2025 ގައެވެ.

Ad
rt

މި ޕްލޭނަށް ރާއްޖެއިން ތާއީދުކުރާކަން ޢިއުލާން ކުރެއްވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި ހާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ. މި ސެޝަންއަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ސެޝަނެކެވެ.

މި ސެޝަންގައި ވަޒީރު ހަލީލް ދެއްވި ތަޤުރީރުގައި، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ފާހަގަކުރައްވައި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވައި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.

ޚާރިޖީ ވަޒީރު ހަލީލް އިތުރަށް ވިދާޅުވީ، އަރަބު ލީގު ސަމިޓުގައި ފާސްކުރެވުނު ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހަޅާފައިވާކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ގާއިމުކުރުންކަމަށް ރާއްޖެއިން ކުރަމުން އަންނަ ވަކާލާތު، ޚާރިޖީ ވަޒީރު ޚަލީލް ވަނީ މި ސެޝަންގައި ވެސް ތަކުރާރުކުރަށްވާފައެވެ.

މި ބައްދަލުވުމުގައި އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ދިވެހިރާއްޖެއިން ތާއީދުކުރުމަކީ، ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރުގެ އިތުރު ހެއްކެކެވެ. މި ޕްލޭނަކީ މިސްރުން އިސްނަގައިގެން ހުށަހަޅާފައިވާ ޕްލޭނެކެވެ. އަރަބި ބޮޑެތި ޤައުމުތަކުން މިހާރު ވަނީ މި ޕްލޭނަށް އެއްބަސްވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމާބެހޭގޮތުން މިސްރުން ހުށަހެޅި ޕްލޭންގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ އިންތިގާލީ މަރުހަލާއެވެ. ދެވަނަ ކަމަކީ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެށުމެވެ. ތިންވަނަ ކަމަކީ ފަލަސްތީނުގައި އުފައްދާ މިނިވަން ދައުލަތެއްގެ ބައެއްގެ ގޮތުގައި ޣައްޒާ ހަދައި އެދައުލަތުގެ ނިޒާމުގެ ދަށުން ދާއިމީ ގޮތަކަށް ޣައްޒާގައި ވެރިކަން ކުރުމެވެ.