އިންޑިއާ ކަންނަޑާ އެކްޓްރެސް ރަންޔާ ރާއޯ 14 ކިލޯގެ ރަން، ވަގަށް އިންޑިއާއަށް އެތެރެކުރަން އުޅެނިކޮށް ބެންގަލޫރުގެ ކެމްޕެގައުޑާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން ހައްޔަރުކޮށްފިއެވެ.
އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރަންޔާ ރާއޯގެ އަތުން ފެނިގެން ހިފެހެއްޓި ރަނުގެ އަގަކީ 14.56 ކުރޯރް ރުޕީސް ކަމަށް އެގައުމުގެ ޑިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ބުނެފައިވެއެވެ.
މިއީ ފަހަކަށް އައިސް ބެންގަލޫރު ވައިގެ ބަނދަރުން ހިފެހެއްޓުނު އެންމެ ގިނަ ޢަދަދެއްގެ ރަން ކަމަށް ޑީއާރްއައި އިން ބުނެފައިވެއެވެ.
33 އަހަރުގެ މި އެކްޓްރެސް އަހަރެއްގެ ތެރޭގައި 27 ފަހަރު ދުބާއީއަށް ދަތުރުކޮށްފައިވާކަން ތަޙުޤީޤަށް ހާމަވެފައިވެއެވެ. ވަކިން ޚާއްޞަކޮށް، ހައްޔަރުކުރެވުނު އިރު، އޭނާ ވަނީ 15 ދުވަހުގެ ތެރޭގައި 4 ފަހަރު ދުބާއީއަށް ދަތުރުކޮށްފައެވެ. ކޮންމެ ކިލޯއެއްގެ ރަން ވަގަށް އެތެރެކުރުމަށް 4-5 ލައްކަ ރުޕީސްގެ ކޮމިޝަން އޭނާއަށް ލިބޭކަމަށް ތަޙުޤީޤުން ހާމަވެފައިވެއެވެ.
އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގައި 2.06 ކުރޯރް ރުޕީސްގެ ރަނުގެ ގަހަނާ އަދި 2.67 ކުރޯރް ރުޕީސްގެ ފައިސާ ހޯދާފައިވެއެވެ. އޭނާ ވަނީ ރަނުގެ ބާތައް އަންނައުނުގައި ފޮރުވައިގެންނާއި ލައިގެން ގެންދަން މަސައްކަތްކޮށްފައެވެ. އަދި ވައިގެ ބަނދަރުގެ ސަލާމަތީ ފިޔަވަޅުތައް ފަހަނައަޅައި ދިއުމަށް އޭނާ ރިޝްވަތު ބޭނުންކޮށްފައިވާ ކަމަށް ތަޙުޤީޤަށް ބެލެވެއެވެ.
ރަންޔާ ރާއޯ އަކީ އިންޑިއާގެ އިސް އައި.ޕީ.އެސް އޮފިސަރެއްކަމަށްވާ ރާމަޗަންދުރާ ރާއޯގެ އާއިލާއަށް ނިސްބަތްވާ މީހެކެވެ. ރާމަޗަންދުރާ ރާއޯ މި މައްސަލައާއި ގުޅޭގޮތުން ބުނީ އެމައްސަލައާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުލިބޭކަމަށާއި ޤާނޫނުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
އޭނާ މިހާރު މަސައްކަތްކުރަނީ ކަރުނާޓަކާ ސްޓޭޓް ޕޮލިސް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައެވެ.
ހައްޔަރު ކުރެވުނު އެކްޓެސް ވަނީ މާރިޗު 18 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. ތަޙުޤީޤުކުރާ ފަރާތްތަކުން މިހާރު ބަލަމުންދަނީ މިމައްސަލައިގައި އެ އަންހެން މީހާގެ އިތުރުން އިތުރު ބަޔަކު ހިމެނޭތޯ ނުވަތަ ދުބާއީއާއި އިންޑިއާއާ ދެމެދު ހިންގާ ވަގު ވިޔަފާރީގެ ބޮޑު ވިއުގައެއްގެ ބައެއްތޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!