ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާޙައުލު ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
މި މަސައްކަތް ފެށިފައިވަނީ މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ރައީސް މުޢިއްޒު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ. އެދުވަހު ރައީސް ވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މިއަދުގެ ޒިޔާރަތުގައި ރައީސް ވަނީ މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބައްލަވާލައްވައި، އެންމެފަހުގެ މަޢުލޫމާތު ހޯއްދަވާފައެވެ. ރަސްފަންނުގެ ސަރަހައްދު ހިތްފަސޭހަތަނަކަށް ހެދުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އެތަނުގެ މޫދުން ކިސަޑު ނަގައި، ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް އަލުން ދޮންވެލިލައި އެއްވަރުކޮށްފައިވާއިރު، އަދި ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒު، ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ މިހާރު ރަނގަޅުކޮށްފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ވަނީ ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ. މިގޮތުން ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާޚާނާ ބަރިއެއް ޤާއިމުކުރުމާއި، މަސްބޭނުމަށް މިހާރު ބޭނުންކުރަމުންދާ ޕްލެޓްފޯމް އާބާތުރަފިލުވައި އަލުން ތަރައްޤީކުރުމަށް އިރުޝާދުދެއްވިއެވެ.
ސަރުކާރުން މިހާރު ވަނީ ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ޙައްލުތަކެއް ގެނައުމަށް އަލުން ތަރައްޤީކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ފަށާފައެވެ.
މިއަދުން ފެށިގެން ރަސްފަންނު ވަނީ ވަގުތީގޮތުން ޢާންމުންނަށް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!