ގޫގުލްއިން އިންޓަރނެޓް ސާޗް ނަތީޖާތަކުން އަމިއްލަ މަޢުލޫމާތު ނައްތާލުމަށް "ރިޒަލްޓްސް އަބައުޓް ޔޫ" މި ނަމުގައި 2022 ވަނަ އަހަރު ތަޢާރަފުކުރި ފީޗާ އިތުރަށް ތަރައްޤީކޮށް، ފަސޭހަ ބަދަލުތަކަކާއެކު އާންމުންނަށް ފޯރުކޮށްދީފިއެވެ.
މި އައު އަޕްޑޭޓާއެކު، މިހާރު ސާޗް ނަތީޖާތަކުގެ ސަފްހާގައި ސީދާ "ރިޒަލްޓްސް އަބައުޓް ޔޫ" ގެ މައިގަނޑު ޚިދުމަތްތައް ހިމަނާފައިވެއެވެ. ސާޗް ނަތީޖާތަކުގައި ފެންނަ ކޮންމެ ލިންކެއްގެ ކައިރީގައިވާ ތިން ޑޮޓްގެ މެނޫގެ ތެރެއިން މި ޚިދުމަތްތަކަށް ވަދެވޭނެއެވެ.
މި ޚިދުމަތް ބޭނުންކުރުމަށްޓަކައި، ފުރަތަމަ ބޭނުންކުރާ ފަރާތްތަކުން އަމިއްލަ މަޢުލޫމާތު ސިސްޓަމަށް އަޅަންޖެހެއެވެ. މިއީ އަމިއްލަވަންތަކަން ރައްކާތެރިކުރަން ބޭނުންވާ ފަރާތްތަކަށް ކަންބޮޑުވުމެއް ކަމުގައިވިޔަސް، ސާޗް ނަތީޖާތަކުގައި ފެންނަ ވަކި މަޢުލޫމާތުތައް ދެނެގަތުމަށްޓަކައި މިކަން ކުރަންޖެހެއެވެ.
އަމިއްލަ މަޢުލޫމާތު ނައްތާލުމަށް އެދޭއިރު، އިތުރު ތަފްޞީލުތަކެއް ހިއްސާކުރުމަށް ގޫގުލްއިން އެދެއެވެ. މި ޕްރޮސެސް ނިންމުމަށް ސިކުންތުކޮޅެއް ނަގާނެއެވެ. މި އިންޓަރފޭސްއިން އަމިއްލަ މަޢުލޫމާތު ނޫން އެހެން ބާވަތުގެ ކޮންޓެންޓް ނައްތާލުމަށްވެސް ފުރުޞަތު ދެއެވެ. އެއީ މިސާލަކަށް ޤާނޫނާ ޚިލާފް ކޮންޓެންޓް ރިޕޯޓްކުރުން ފަދަ ކަންކަމެވެ.
ގޫގުލްއިން އިތުރަށް ވަނީ މި ޚިދުމަތުގެ ޕްލެޓްފޯމް އިތުރަށް ތަރައްޤީކޮށް، ބޭނުންކުރާ ފަރާތްތަކަށް ނައްތާލުމަށް ހުށަހަޅާ ރިކުއެސްޓްތަކުގެ ސްޓޭޓަސް ބެލޭނެ ގޮތް ހަދައިދީފައެވެ. މީގެ އިތުރުން، ސާޗް ނަތީޖާގައި ފެންނަ މަޢުލޫމާތު ސައްޙަ ނޫންނަމަ، ޑޭޓާ އަޕްޑޭޓްކުރުމަށްވެސް އެދެވިދާނެއެވެ.
ގޫގުލްއިން ބުނާގޮތުގައި "ރިޒަލްޓްސް އަބައުޓް ޔޫ" ހަބް ގަވާއިދުން ޗެކްކުރުމަށް ލަފާދެއެވެ. މި ސިސްޓަމުން އިންޓަރނެޓްގައި އަމިއްލަ މަޢުލޫމާތުގެ އައު އިންސްޓަންސްތައް އަމިއްލައަށް ދެނެގަނެ، އެ މަޢުލޫމާތު ނައްތާލުމަށް އަވަހަށް އެދެވޭނެއެވެ.
މީގެއިތުރުން ސާޗް ނަތީޖާތަކުގައި އަމިއްލަ މަޢުލޫމާތެއް ފެނިއްޖެނަމަ، ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ނޯޓިފިކޭޝަން ލިބޭނެ ގޮތްވެސް ހަދައިދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!