އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގައި ހުކުރު ދުވަހު ހިނގި ސްނޯ ފޭބުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 8 އަށް އިތުރުވެއްޖެއެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އިންޑިއާގެ އިސް ފަރާތްތަކުން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ފަރުމަދަމަތިން ކުއްލިއަކަށް ފޭބި ސުނޯއާއި އައިސްތަކުގެ ދަށުވެ 55 މީހުން ތާށިވި ކަމުގައެވެ. އޭގެ ތެރެއިން 50 މީހުން ސަލާމަތް ކޮށްފައިވާއިރު، 8 މީހަކު މަރުވެފައިވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ. އެ މީހުން މަރުވެފައި ވަނީ ސުނޯއާއި އައިސްތަކުގެ ދަށުވެ، ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.
އިންޑިއާގެ ދިފާއީ މިނިސްޓްރީން މިއަދު ހަވީރު ބުނި ގޮތުގައި އެންމެ ފަހުން ގެއްލިފައިވާ މީހާގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ. "މި ހަށިގަނޑު ފެނުމާއެކު މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަން ވަނީ ނިމުމަކަށް އައިސްފައި،" މިނިސްޓްރީން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުންޏެވެ.
އިންޑިއާގެ އާމީން ބުނި ގޮތުގައި ސަލާމަތްކުރެވުނު މަސައްކަތްތެރިންނަށް ވަނީ ޞިއްޙީ ފަރުވާ ދެވިފައެވެ. އަދި އެ މީހުން މިހާރު ދަނީ ރަނގަޅުވަމުންނެވެ.
އުއްތަރާކަންދަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފަރުބަދަމަތީ ސަރަޙައްދު ކަމުގައިވާ ހިމާލަޔެ ސަރަޙައްދުގައި އޮންނަ ސްޓޭޓެކެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ވެސް އޮންނަނީ ހިމާލަޔެ ސަރަޙައްދުގައެވެ. އުއްތަރާކަންދަކީ ސުނޯއާއި އައިސް ފޭބުމުގެ އިތުރުން ފެންބޮޑުވުމުގެ ހާދިސާތައް ގިނައިން ކުރިމަތިވާ ސްޓޭޓެކެވެ. 2021ވަނަ އަހަރު އެ ސްޓޭޓްގެ ކޯރަކަށް ބިޔަ އައިސްގަނޑެއް ވެއްޓުމާ ގުޅިގެން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއެއްގައި 200އެއްހާ މީހުން މަރުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!