ޣައްޒާގެ ހަނގުރާމައިގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުން ނިމުމަކަށް އައުމާއެކު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން މުޅިން ހުއްޓުވައިފިއެވެ.
މިއީ ދެވަނަ ފިޔަވައްސަށް ދިއުމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ނަތަންޔާހޫ އަމުރުކޮށްގެން އިސްރާއީލުން އަޅާފައިވާ ފިޔަވަޅެކެވެ.
މީގެ ކުރިން، އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅުނު ހުށަހެޅުމަކަށް އިސްރާއީލުން ތާއީދުކޮށްފައިވެއެވެ. މި ހުށަހެޅުމުގައި ވަނީ ރަމަޟާން މަހާއި ޕާސްއޯވަރ (ޔަހޫދީންގެ އީދު) ދުވަސްވަރު މުއްދަތު އިތުރުކުރުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމުގެ ކުރުމުގެ ބަދަލުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ދެބައިކުޅައެއްބައި މީހުން ދޫކޮށްލުމަށް ވެސް އެއްބަސްވެފައިވެއެވެ.
ނަމަވެސް، ހަމާސްއިން މިކަމަށް ރައްދު ދީފައިވަނީ ޖެނުއަރީ މަހު އިސްރާއީލުން ސޮއިކުރި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އެދިއެވެ. މި ފިޔަވަހީގައި ވަނީ ޣައްޒާގައި ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ވާސިލުވުމަށެވެ.
ޣައްޒާގެ ފަލަސްތީނު ރައްޔިތުން ބުނާ ގޮތުގައި އަނެއްކާވެސް ހަނގުރާމައަށް އެނބުރި ދާނެކަމުގެ ބިރު އެބައޮތެވެ. މި ބިރުވެރިކަމާއެކު މުސްލިމުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދަ ހިފާފައިވަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް 48،388 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އަދި 111،803 މީހުންނަށް އަނިޔާވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!