ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން ރެއާލް ބަލިވުމަކީ ބޮޑު ވެއްޓުމެއް ކަމުގައި ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ރެއާލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އަންޗެލޮޓީ ބުނީ މިވަގުތު ލީގަށް ވާދަކުރާ ހުރިހާ ޓީމެއް ވެސް ވަރަށް ފޯމުގައި އޮއްވައި ރޭ ބެޓިސް އަތުން ރެއާލް ބަލިވުމަކީ އެ ޓީމަށް ލީގުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ނަމަވެސް ޓީމް އެނބުރި ވަރުގަދަކޮށް އަންނާނެކަމަށް އޭނާ ބުންޏެވެ.
މެޗުގައި ރެއާލުގެ ފަރާތުން ފެނުނު ދަށް ކުޅުން ފާހަގަ ކުރަމުން އޭނާ ބުނީ ފުރަތަމަ ހާފުގައި އެކަނިވެސް ގިނަ ބޯޅަތަކެއް ގެއްލުވާލި ކަމަށާއި، މިފަދަ ގޮތަކަށް ކުޅެގެން މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި ޖަހައިދިނީ ބްރަހިމް ޑިއާޒްއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ބެޓިސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ކާޑޯސޯއެވެ. ބެޓިސް އިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީން އިސްކޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ 1-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.
މި ނަތީޖާތަކާއިއެކު އެތުލެޓިކޯއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައެވެ. އެތުލެޓިކޯއަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ބާސާއަށް ލިބިފައިވަނީ 25 މެޗުން 54 ޕޮއިންޓެވެ. މިރޭ ބާސާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ރޭ ބައްޔާއިއެކު ރެއާލް ވަނީ ތިންވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 26 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!