އިސްރާއީލާއި ހަމާސްގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ފުރަތަމަ މަރުހަލާ އިތުރު އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައިސްފިއެވެ.

ހަމާސްއިން ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ މަރުހަލާ އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށާއި، ދެވަނަ މަރުހަލާއަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ.

Ad
rt

މި ދަނޑިވަޅުގައި އިސްރާއީލުގެ މަޝްވަރާ ކުރާ ވަފުދު މިސުރުގެ ވެރިރަށް ގާހިރާއިން އެނބުރި ރަށަށް ދަތުރުކޮށްފައިވާ ކަމަށާއި، ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އޭނާގެ ސަލާމަތީ ޓީމާ ބައްދަލުކުރައްވާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ދެމެހެއްޓެން ޖެހޭނެ ކަމަށާއި، އެއްބަސްވުން ނުގެއްލޭނެ ގޮތަކަށް ދެފަރާތުންވެސް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ހާލަތުގައި އެމެރިކާއިން ވަނީ އިސްރާއީލަށް 3 ބިލިއަން ޑޮލަރަށްވުރެ ގިނަ އަގުހުރި ހަތިޔާރާއި، ބުލްޑޯޒަރުތަކާއި އަދި އެހެނިހެން ސިފައިންގެ އާލާތްތައް ވިއްކުމަށް ހުއްދަ ދީފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުން 48,388 ޝަހީދުވެފައިވާ އިރު، 111,803 މީހުންނަށް އަނިޔާވެފައިވެއެވެ. ނަމަވެސް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 61,709 އަށް އަރާ ކަމަށެވެ. މީގެ އިތުރުން އެތައް ހާސް މީހުން ވަނީ ވީރާނާވެފައިވާ އިމާރާތްތަކުގެ ތެރޭގައި ފޮރުވިފައިވާ ކަމަށާއި، އެ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.