ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އިންޒާރު ދީފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އަންގާފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް ވަނީ މަސައްކަތް ފަށާފައެވެ.

Ad
rt

"މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރޯދަ މަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމްކުރުމަށް މަސައްކަތްކުރާނެ ވާހަކަ ދަންނަވަން" ހީނާ ވިދާޅުވިއެވެ.

މިއަދު ހެނދުނުންސުރެ މާލެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިވަގުތު މާލޭގެ 4 ސަރަޙައްދެއްގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތުގައި 9 ޕަމްޕެއް ބޭނުންކުރަމުންދެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.