ދިވެހި ޢާއިލާއަކުން ބަނގުލަދޭޝްގެ ވިލެޖެއްގައި ދިރިއުޅޭ ޢާއިލާ ތަކަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.
ސ. މަރަދޫއަށް ނިސްބަތްވާ އެ ޢާއިލާގެ އެހީގައި މި މަޝްރޫޢު ހިންގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ.

އައިއޭސީއިން ބުނެފައިވަނީ އެވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ ސްކޫލެއްގެ ކައިރީކަމަށެވެ. އެވަޅު ހަދާފައިވާ ސަރަޙައްދު ސްކޫލަކާއި ކައިރިވުމުން 150 ދަރިވަރުންނަށް ފަސޭހަ ކަމާއެކު ސާފު ފެން ލިބޭނެ އިންތިޒާމުވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި 200 އެއްހާ ވިލެޖުގެ އަހުލުވެރިންނަށް އެ ވަޅުން ފަސޭހަ ކަމާއެކު ފެން ލިބޭނެއެވެ.

ވީނަސްވިލާ ފެމިލީގެ އެހީތެރިކަމާއިއެކު، ހަދާފައިވާ އެ ވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ އަމިނިއާ އެބްޓެޑައީ މަދްރަސާ، ކޮއެރަ، ޚުލްނާ ގައެވެ.

އައިއޭސީގެ ފަރާތުން ބަންގްލަދޭޝްގެ ރައްޔިތުން ތަކަކަށް މިގެނެސްދިން ފަސޭހައިގެ ސަބަބުން ސާފު ބޯފެން ހޯދުމަށް ދުރު ހިސާބުތަކަށް ހިނގުމުން އެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ތަކުލީފަށް ލުއިކަން ލިބިގެން ދާނެއެވެ.
އައިއޭސީއިން ދަނީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އެ ޖަމްޢިއްޔާއިންވަނީ އެ ޖަމްޢިއްޔާއިން ހިންގާ ވިންޓާރ ކެމްޕެއިންގެ ހަރަކާތުގެ ތެރެއިން މި މަހު ކުރީކޮޅު ގާޒާގެ މުސްލިމުންނަށް ފިނި މޫސުމަށް ޚާއްސަ ފޭރާން ފޯރުކޮށް ދީފައެވެ.
އެ ޖަމްޢިއްޔާއިންވަނީ ސީރިއާ، ޔަމަން، ފަލަސްޠީންގެ އިތުރުން މިޔައްމާގެ ރޮހިންޔާ މުސްލިމުންނަށް އަމާޒުކޮށްގެންވެސް އެހީގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

އެ ޖަމްޢިއްޔާއިން ވަނީ އެ ޖަމްޢިއްޔާއިން ހިންގާ ވިންޓާރ ކެމްޕެއިން ފެބްރުއަރީ 5 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!