އުތުރު ކޮރެއާއިން ރަޝިއާއަށް އިތުރު ސިފައިން ފޮނުވައިފިކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ އިންޓެލިޖެންސް އިދާރާއިން ބުނެފައިވާ ގޮތުގައި، ޔޫކްރެއިންގެ ހަނގުރާމައިގެ ފްރޮންޓް ލައިންގައި ގިނަ އަދަދެއްގެ ސިފައިން މަރުވެ އަނިޔާވުމާ ގުޅިގެން، އުތުރު ކޮރެއާއިން ރަޝިއާއަށް އިތުރު ސިފައިން ފޮނުވާފައިވެއެވެ.

Ad
rt

ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސަރވިސް (އެންއައިއެސް) އިން ބުނެފައިވާ ގޮތުގައި، ފެބްރުއަރީ މަހުގެ ކުރީކޮޅު ރަޝިއާގެ ކުރްސްކް ސަރަހައްދުގެ ފްރޮންޓް ލައިނަށް އުތުރު ކޮރެއާގެ އިތުރު ސިފައިން ފޮނުވާފައިވެއެވެ.

"އިތުރު ސިފައިން ފޮނުވާފައިވާކަން ފާހަގަކުރެވޭ. ނަމަވެސް އޭގެ އަދަދު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެންއައިއެސްއިން ބުނެފައިވާކަމަށް ދެކުނު ކޮރެއާގެ ސަރުކާރުގެ ޔޮންހަޕް ނިއުސް އޭޖެންސީން ނަގާފައިވާ ބަޔާނެއްގައި ވެއެވެ.

މީގެ ކުރިން އެންއައިއެސްއިން ހަދާފައިވާ ދިރާސާއެއްގައި، ޔޫކްރެއިންގެ މައްޗަށް ރަޝިއާއިން ދެމުންދާ ހަމަލާތަކަށް އެހީތެރިވުމުގެ ގޮތުން އުތުރު ކޮރެއާއިން ފުރަތަމަ ފޮނުވި ސިފައިންގެ އަދަދަކީ 11،000 ކަމަށް ލަފާކޮށްފައިވެއެވެ.

ދިފާއީ ތަޙުލީލުކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އުތުރު ކޮރެއާގެ ސިފައިންނަކީ ހަނގުރާމައިގެ ތަޖުރިބާ ނެތް އަދި ރަޝިއާގެ މަތީ ފަންތީގެ ވެރިންނާ މުއާމަލާތްކުރަން ނޭނގޭ ބައެއް ކަމަށްވާތީ، ޔޫކްރެއިންގެ ޑްރޯން އަދި އާޓިލަރީ ހަމަލާތަކަށް ފަސޭހައިން ދެނެގަނެވޭ ބައެކެވެ.

ޔޫކްރެއިންގެ ކޮމާންޑަރުން ބުނެފައިވާ ގޮތުގައި، ރަޝިއާގެ ބާރުތަކުން އުތުރު ކޮރެއާގެ ސިފައިން ބޭނުންކޮށްފައިވަނީ ހަމަލާތަކުގެ ފްރޮންޓް ލައިންގައެވެ. އަދި އަސީރުންގެ ގޮތުގައި ހިފިޔަނުދިނުމަށް އަމިއްލައަށް މަރުވުމަށް އަމުރުކޮށްފައިވެއެވެ.

ޖެނުއަރީ މަހު އެންއައިއެސްއިން އަންދާޒާކޮށްފައިވާ ގޮތުގައި، އުތުރު ކޮރެއާގެ 300 ސިފައިން މަރުވެ، 2،700 ސިފައިން ހަނގުރާމައިގައި އަނިޔާވެފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަންދާޒާކޮށްފައިވާ ގޮތުގައި، މަރުވެ އަނިޔާވެފައިވާ އުތުރު ކޮރެއާގެ ސިފައިންގެ އަދަދަކީ 4،000 އެވެ.