ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 4-4 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހަ މިނެޓްގެ ތެރޭ އެތުލެޓިކޯއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. ދެވަނަ ލަނޑު ހަވަނަ މިނެޓުގައި ޖަހައިދިނީ ކުރީން ބާސާއަށް ވެސް ކުޅެފައިވާ ގްރީޒްމަންއެވެ.
އެތުލެޓިކޯއިން ދެ ލަނޑުގެ ލީޑެއް ނެގުމާއިއެކު ބާސާއިން ވަނީ މެޗު ކޮންޓްރޯލްކޮށް ގޯލުޖަހަން ބުރަކޮށް މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 19 ވަނަ މިނެޓާއި 21 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ޕެޑްރީ ޖަހައިދިންއިރު ދެވަނަ ލަނޑު ޖަހައިދިނީ ކުބާސީއެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ފަސްމިނެޓްގެ ތެރޭ އިނީގޯ މާޓިނޭޒް ވަނީ ލަނޑުޖަހައި މެޗުގައި ބާސާއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފު ބާސާ ލީޑުގައި އޮވެގެން ފެށިއިރު، އެ ޓީމުން ލީޑު ފުޅާކުރީ 74 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖަހައިދިން ލަނޑުންނެވެ. މެޗުން ބާސާ މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް އެތުލެޓިކޯއިން ވަނީ ހިތްވަރާއިއެކު ކުޅެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެތުލެޓިކޯގެ ތިންވަނަ ލަނޑު 84 ވަނަ މިނެޓުގައި ލޮރެންޓޭ ޖަހައިދިންއިރު، މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސޯލޯތު ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ދެ ޓީމްވާދަކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އެތުލެޓިކޯގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ތާވަލު ކޮށްފައިވަނީ އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!