ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދާޚިލީ ވަޒީރު އިހްސާންގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ނައިބު ރައީސްގެ ޕޯސްޓްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމްލަ ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތަށް ހުއްޓުވުމަށް ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މިދެންނެވި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

"މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް." ނައިބު ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫންނެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިިއަދު ވަނީ ފެއިލް ކޮށްލާފައެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިހްސާނާއި އެއްކޮޅަށެވެ.