ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ބެހުމަށް މާލެ ސަރަޙައްދުގައި އިތުރު ތަންތަން ހަމަޖައްސައި މާދަމާއިން ފެށިގެން ޖުމްލަ 13 ތަނަކުން މަސްދަޅު ދޫކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު ވިދާޅުވި ގޮތުގައި، މާދަމާ (ހޮނިހިރު) ރޭ ފެށިގެން މާލޭގައި، ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު އަދި ހުޅުމާލޭ ފޭސް 1 އާއި 2 ގައި އިތުރު 2 ތަނެއް، ޖުމްލަ 13 ތަނަކުން، ކޮންމެ ތަނެއްގައި 5 ޓޭބަލް ބަހައްޓައިގެން މަސްދަޅު ބެހުން ކުރިއަށް ގެންދާނެއެވެ.
ވަޒީރު ވިދާޅުވިގޮތުގައި މިހާތަނަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ (މަސްދަޅު ކޭސް) ބެހިފައިވާ ހަމަޖެހިފައިވާ ގޮތަކީ:
- ވިލިމާލެ: 582
- އެމްޓީސީސީ ސޯމިލް: 2083
- މިފްކޯ: 3666
- ހިޔާ ފްލެޓް 10: 1555
- އުމަރު ޒާހިރު ބިލްޑިންގ: 1508
ޖުމްލަ: 9394 ކޭސް
ވަޒީރު އިތުރަށް ވިދާޅުވީ، ހޫނު ގަދަކަމަށް ފެންނާތީ، ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާއެވެ.
ރޭގައި މަސްދަޅު ދޫކުރިއިރު ކިޔޫގައި ގިނަ ވަގުތު ތިބެންޖެހުނީތީ ހިތާމަކުރާ ކަމަށާއި، މި މަސައްކަތުގައި މޭންޕަވަރ އިތުރުކޮށް، އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ދިގު ކިޔޫއަށް ނޭރިޔަސް، ކުރިއަށް މިއޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިޔޫގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނަން،" ވަޒީރު ވިދާޅުވިއެވެ.
މި އިތުރު އިންތިޒާމުތަކާއެކު، ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!