ޣައްޒާގެ މައްސަލައިގައި އަރަބި ލީޑަރުން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބައްދަލުކުރައްވައިފިއެވެ.

ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ 2 އާއި، ސަޢޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި، ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒާއިދު އާއި، ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލްޘާނީ އާއި، ކުވެއިތުގެ އަމީރު މިޝްޢަލް އަލްއަޙްމަދު އަދި ބަޙްރެއިންގެ ވަލީއަހުދު ސަލްމާން ބިން ޙަމަދު އަލްޚަލީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ސަޢޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އަށް ރަސްމީ ފަރާތަކުން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ޖީސީސީ ޤައުމުތަކާއި،އުރުދުން އަދި މިޞްރުގެ ލީޑަރުންގެ މެދުގައި އަހަރުތަކެއް ވަންދެން ބާއްވަމުން އަންނަ އެކުވެރި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

އަރަބި ޤައުމުތަކުން އެއްބައިވަންތަކަމާއެކު ނިންމާ ނިންމުންތައް މާރޗް 4 ގައި މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޣައްޒާއާ ގުޅޭ ކުއްލި އަރަބި ސަމިޓަށް ހުށަހެޅޭނެއެވެ. ޤާހިރާގައި ބޭއްވޭ މި ސަމިޓުގައި ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަކާއި، ފަލަސްޠީނުގެ ރައްޔިތުން ރަށުން ބޭރުކުރުމަށް އިޒްރޭލާއި އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅަށް އަރަބި ޤައުމުތަކުގެ އެއް އަޑެއް އުފެއްދުމަށް މަސައްކަތްކުރެވޭނެއެވެ.

މިޞްރުގެ ބޮޑުވަޒީރު މުޞްޠަފާ މަދްބޫލީ ވިދާޅުވި ގޮތުގައި 15 މަސް ވަންދެން އިޒްރޭލުގެ ހަމަލާތަކުން ވީރާނާވެފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ ޤާބިލުކަން މިޞްރުގައި ވާކަމަށާއި، އެ މަސައްކަތް 3 އަހަރު ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް އޭނާ ވިދާޅުވިއެވެ.