މާހެފުމަކީ ބިދުޢައެއް ނޫންކަމަށާއި، އެއީ ދިވެހިންގެ އިޖުތިމާއީ އާދައެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މާހެފުމަކީ ކޮންމެ ރަމަޟާންމަހެއް ގައިދޮށްވުމުން ދިވެހިންގެ ތެރޭގައި އޮންނަ ކަމެކެވެ. މިގޮތުން ޢާއިލާތަކުގެ މެދުގައާއި، އެކުވެރީންނާއި، އޮފީސް، ކުންފުނި އަދި ޖަމާއަތްތަކުގެ މެދުގައި ވެސް މާހެފުމުގެ ނަމުގައި ޖާފަތްތައް ބާއްވަމުން އައުމަކީ ދިވެހިންގެ އާދަކާދައެއްގެ ގޮތުގައި ހިނގަމުން އަންނަ ކަމެކެވެ.

Ad
rt

މިކަމަށް އިޝާރާތްކުރަށްވައި ވަޒީރު ޝަހީމް މިއަދު ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއް ކަމަށެވެ.

މިގޮތުން މާހެފުމަކީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއް ނޫންކަމަށާއި، އެހެންކަމުން އެއީ ބިދުޢައަކަށް ނުވާނެ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެއީ ޖާއިޒު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީވެސް ރިވެތި އާދައެކެވެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން ކަމަށެވެ. އަދި ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއްކަން ފާހަގަކުރެއްވިއެވެ.