އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެމެރިކާއިން ގޮވާލި ގޮވާލުމަށް ފާޑުކިޔައި، އެމެރިކާ ނުރުހުނަސް ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމް ކުރިއަށް ދާނެކަމަށް އުތުރުު ކޮރެއާއިން ބުނެފިއެވެ.

ސަރުކާރާ ހަވާލާދީ އުތުރު ކޮރެއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ގޮވާލާފައިވާ ގޮވާލުމަކީ "ބޭކާރު އަދި ޒަމާނަށް ނުފެތޭ" ގޮވާލުމެކެވެ. އަދި ކިމް ޖޮންގް އުންގެ ލަނޑުދަނޑިކަމުގައިވާ ނިއުކްލިއަރ ބާރު އިތުރުކުރުމުގައި ދެމިހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

Ad
rt

އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުގެ ނުރައްކާތެރި އިންޒާރު އޮތްހާ ހިނދަކު، އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރަކީ އެގައުމުގެ ސުލްހައާއި މިނިވަންކަން ދިފާޢުކުރުމަށް ބޭނުންކުރާނެ ވަސީލަތެކެވެ.

މި ބަޔާން ނެރެފައިވަނީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުގެ އިސް ޑިޕްލޮމެޓުން ބައްދަލުކޮށް، އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ފުރިހަމައަށް ނައްތާލުމަށް ގޮވާލައިފައި ވަނިކޮށެވެ.

ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް އަނބުރާ އައުމަށްފަހު، އުތުރު ކޮރެއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދަމަހައްޓާފައިވެއެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއިންވަނީ އެގައުމަކީ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ގައުމެއްގެ ގޮތުގައި ޤާނޫނުން ކަނޑައަޅާފައެވެ. އަދި އެގައުމުގެ ގާނޫނު އަސާސީ އިސްލާހުކޮށް ނިއުކްލިއަރ ހަތިޔާރުގެ ބާރު އިތުރުކުރުން ދާއިމީކޮށްފައިވެއެވެ.