އިސްރާއީލްގެ އިތުރު ހަ އަސީރުން އަންނަ ހޮނިހިރު ދުވަހު ދޫކޮށްލަން ނިންމައިފިއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިހަފްތާގެ ހޮނިހިރު ދުވަހު އިސްރާއީލްގެ 6 ގައިދީން ދޫކޮށްލާނެއެވެ.

Ad
rt

މީގެ އިތުރުން އިސްރާއީލް 4 ގައިދީއެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހު ޙަވާލުކުރާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

ހަމާސްގެ އިސްވެރިއެއް ކަމަށްވާ ޚަލީލް އަލް-ހައްޔާ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު ދޫކޮށްލާ ގައިދީންގެ ތެރޭގައި ހިޝާމް އަލް-ސައީދު އަދި އަވެރާ މެންގިސްޓޫ ހިމެނެއެވެ. މި ދޫކޮށްލުންތަކާއެކު، އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަމާސްއިން ދޫކޮށްލާ އިސްރާއީލް ގައިދީންގެ އަދަދު 33 އަށް އަރާނެއެވެ. މީގެ ތެރޭގައި ދިރިހުރި 25 ގައިދީންނާއި 8 ގައިދީންގެ ހަށިގަނޑު ހިމެނެއެވެ.

މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ ޖުމްލަ 1,135 ރައްޔިތުން ދޫކޮށްލާފައިވާއިރު، މިހަފްތާގައި އިތުރު 502 މީހުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

ޖެނުއަރީ 19 ގައި އަމަލުކުރަން ފެށުނު މި އެއްބަސްވުމާއެކު، ފަލަސްތީނުގެ 48,300 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ޣައްޒާގެ ހަނގުރާމަ ވަނީ ވަގުތީގޮތުން ހުއްޓިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހަނގުރާމައިގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ބައިނަލްއަޤްވާމީ އަދުލު ކޯޓުގައި އިސްރާއީލުގެ މައްޗަށް ނަސްލު ނައްތާލުމުގެ މައްސަލައެއްވެސް ބެލެމުންދެއެވެ.