އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ވުލްވްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި، ލިވަޕޫލުން ހަމަޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 25 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އާސެނަލަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ރޭ މެޗުން ބަލިވި ވުލްވްސް އޮތީ 17 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

Ad
rt

ރޭ މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ 15 ވަނަ މިނެޓުގައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދީފައިވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުގައި ވެސް ލަނޑެއް ޖެހިފައިނުވާ، އެ ޓީމްގެ ކޮލަމްބިއާ ފޯވާޑް ޑިއާޒްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ލީޑު ފުޅާކުރީ އެޓީމަށް ލިބުނު ޕެނަލްޓީން ސަލާހް ޖަހައިދިން ލަނޑުންނެވެ. މިއީ ލީގުގައި ލިވަޕޫލްގެ ދަނޑުގައި އޭނާ ޖެހި 101 ވަނަ ލަނޑެވެ.

މެޗުގައި ވުލްވްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ޖަހައިދިނީ މެތިއުސް ކުންޔާއެވެ.