އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 8 މެޗުން ބަލިވެ، ޕޮއިންޓް ތާވަލުގެ 15 ވަނައަށް މެންޗެސްޓާ ޔުނައިޓެޑް ސޮއްސާލައިފިއެވެ.
ލީގުގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ބާރަ މެޗުގެ ތެރެއިން އެ ޓީމް ބަލިވި އަށްވަނަ މެޗެވެ. ޔުނައިޓެޑް ހިމެނެނީ ފާއިތުވި ބާރަ މެޗުގެ ތެރެއިން އެންމެ ގިނައިން ބަލިވި ތިން ޓީމްގެ ތެރޭގައެވެ. ޔުނައިޓެޑަށް ވުރެ އިތުރަށް ބަލިވެފައިވަނީ ނުވަ މެޗުން ބަލިވި ލެސްޓާ ސިޓީއާއި ދިހަ މެޗުން ބަލިވި ސައުތެމްޓަނެވެ. މި ދެޓީމަކީ މިވަގުތު ޕޮއިންޓް ތާވަލުގެ އެންމެ ފުލުގައި އޮތް ދެ ޓީމެވެ.
ރޭ ޓޮޓެންހަމް އަތުން ވީ ބައްޔާއިއެކު ޔުނައިޓެޑް ޕޮއިންޓް ތާވަލުގެ 15 ވަނާގައި އޮތީ 25 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން މޮޅުވި ޓޮޓެންހަމް އޮތީ 12 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ވަނީ 30 ޕޮއިންޓް ލިބިފައެވެ.
ރޭ މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 13 ވަނަ މިނެޓުގައި ޖަހައިދިނީ ޖޭމްސް މެޑަސަންއެވެ. މެޗުގައި ޔުނައިޓެޑަށް ލަނޑެއްޖަހަން އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ގަނާޗޯއަށެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އޭނާއަށް ނުހިފުނެނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އަމޮރިމް ބުނީ މެޗުގައި ދެ ޓީމްގެ މެދުގައި އޮތް ތަފާތަކީ އެ މީހުން ލަނޑުޖެހުން ކަމަށާއި އެކަން އަހަރެމެންނަށް ނުވުން ކަމަށެވެ.
"އަހަރެމެންނަށް ފުރުސަތުތައް ލިބުނު، ޓީމުން ނަތީޖާނެރެން މަސައްކަތްކުރި ނަމަވެސް ނަމަވެސް މެޗުގައި ލަނޑުޖެހީ އެމީހުން، އެންމެ މުހިންމު ކަންތައް އެ މީހުންކުރި، ނަމަވެސް އެކަން އަހަރެމެންނަށް ނުވި" އަމޮރިމް ބުންޏެވެ.
އޮމޮރިމް ބުނީ ޕޮއިންޓް ތާވަލުގައި ޔުނައިޓެޑް އޮތް ހިސާބާއި މެދު ކަނބޮޑުވާ ކަމަށާއި، ޓީމްގެ ސަޕޯޓަރުންގެ އިހުސާސްތަކާއިމެދު ވެސް ވިސްނޭކަމަށެވެ.
އަމޮރިމް އިތުރަށް ބުނީ ޔުނައިޓެޑް އަލުން ބިނާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. އޭނާ ބޭނުންވާ ކުޅުންތެރިން ގެނެވެން އޮތީ މިހާރު ތިބި ބޭނުން ނުހިފޭ ގިނަ ކުޅުންތެރިންތަކެއް ވިއްކާލެވިގެންނެވެ. ސަބަބަކީ އެނޫނީ ޓީމުގެ މާލީ ހިސާބުތަކުން އެކަން ކުރުމަށް ފުރުސަތު ނެތުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!