ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފިއެވެ.
މި މަހު ނުވަނަ ދުވަހުގެ ރޭ އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ބްރައިޓަން އިން ވަނީ ޗެލްސީ މައްޗަށް ކުރި ހޯދައި، މުބާރާތުން އެ ޓީމް ކަޓުވާލާފައެވެ. ރޭ ޕްރިމިއާ ލީގުގައި ބްރައިޓަންގެ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ.
ރޭ މެޗުން ބަލިވި ނަމަވެސް ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 25 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނާގައި ސިޓީ އޮތީ އެއް މެޗު މަދުންކުޅެ 41 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ސިޓީއާއި ނިއުކާސަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު މިހާރު އޮތީ ފަހިވެފައެވެ. ރޭ މެޗުން މޮޅުވި ބްރައިޓަން މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ.
ބްރައިޓަންގެ ފަރާތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ވެސް ދެ ގޯލުގެ ލީޑެއްގައި އޮވެއެވެ. ބްރައިޓަން އިން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 27 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، އެ ޓީމުގެ ކީޕަރު، ބާޓް ވާބްރޫގަން ދިން ބޯޅައަކުން، ކައޯރޫ މިޓޯމާއެވެ. މިޓޯމާ ވަނީ މިދިޔަ ހަފްތާގައި ވެސް ޗެލްސީ ކޮޅަށް ގޯލު ޖަހައިފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ބްރައިޓަންގެ ދެ ވަނަ ގޯލު ޖެހީ، 38 ވަނަ މިނިޓްގައި ޔަންކޫބާ މިންޓޭއެވެ. މިއީ، ބްރައިޓަންގެ ޖިއޮޖީނިއޯ ރޫޓޭއާ އާއި ޑެނީ ވެލްބެކް ގުޅިގެން ކުރި އެޓޭކެއްގައި، މިންޓޭ އަށް ތަނަވަސްކޮށްދިން ބޯޅައަކުން ޖެހި ގޯލެކެވެ.
ބްރައިޓަން އިން މި މެޗުގައި ޖެހި ތިން ވަނަ ލަނޑު ވެސް ކާމިޔާބުކުރީ މިންޓޭ އެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލްބެކްގެ އެހީތެރިކަމާއިއެކުއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް މަރެސްކާ ބުނީ މިއީ އޭނާ ޗެލްސީއާއި ހަވާލުވީ ފަހުން އެ ޓީމްގެ ފަރާތުން ފެނިގެންދިޔަ އެންމެ ދަށް ކުޅުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!