އިނގިރޭސި ވިލާތުގެ ދެވަނަ ޑިވިޝަން/ޗެމްޕިއަންޝިޕްގެ ފުލުގައި އޮތް ޕްލައިމައުތު އަތުން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފިއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގެ މި މެޗު ރޭ ކުޅެފައިވަނީ ޕްލައިމައުތުގެ ދަނޑުގައެވެ. ލިވަޕޫލް މި މެޗަށް ނުކުތީ އެންމެ ފަހުން އެ ޓީމް ކަރަބޯ ކަޕްގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރާގައި ހިމެނޭ ދިހަ ކުޅުންތެރިން ނުލައެވެ. އެންމެން ހައިރާން ކޮށްލުމަށް ފަހު ރޭ ލިވަޕޫލް މައްޗަށް ޕްލައިމައުތުން ކުރި ހޯދޫ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

ޕްލައިމައުތަކީ ޕްރިމިއާ ލީގުގައި މިހާތަނަށް ވާދަކޮށްފައިވާ ޓީމެއް ނޫނެވެ. އެ ޓީމްގެ ގަރުނަކަށްވުރެ ދިގު މާޒީގައި އާންމުކޮށް އެ ޓީމް ވާދަކުރަމުން އަންނަނީ އިނގިރޭސި ދެވަނަ ނުވަތަ ތިންވަނަ ޑިވިޝަންގައިކަމަށް ވުމުން މިއީ ފުޓްބޯޅަ ބަލާފަރާތްތަކުން ވެސް މާބޮޑަށް ދަންނަ ޓީމެއް ނޫނެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމްގެ ފަރާތުން ވެސް ފެނިފައިވަނީ ފެނިގެން ގޮސްފައިވަނީ ވަނދުކުޅުމެކެވެ. މެޗުގެ ފޯރިގަދަވީ ދެވަނަ ހާފު ފެށިތާ އަށް މިނެޓްފަހުން ޕްލައިމައުތަށް ލިބުނު ޕެނަލްޓީން ލަނޑުޖަހައި އެ ޓީމުން ލީޑު ނެގުމުންނެވެ. ޓީމް ކުރިއަށް ޖައްސައިގެން ލަނޑުޖަހަން ލިވަޕޫލުން ގިނަ މަސައްކަތްތަކެއް ކުރިއިރު ޕްލައިމައުތުން ވަނީ ރަނގަޅު ޑިފެންސެއް ވެސް ކޮށްފައެވެ. ލިވަޕޫލްގެ ހަމަލާތައް ހުއްޓުވުމުގައި ޕްލައިމައުތުގ ކީޕަރ ކޯނޯ ހަޒާޑްގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް އާން ސްލޮޓް ބުނީ މެޗަށް ނުކުތީވެސް މި މެޗަކީ އުނދަގޫވާނެ މެޗެއް ކަމަށް ބަލައިގެން ކަމަށާއި، މި މެޗުން ފުރުސަތުދިން ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން މޮޅުވާން މަސައްކަތް ކުރުމުގެ ރޫހު ވެސް ފެނުނު ކަމަށާއި ނަމަވެސް ބޭނުންވާ ނަތީޖާ ނުލިބުން ކަމަށެވެ.

މެޗުން މޮޅުވާން ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ފުރިހަމައަށް ހިފިކަން ފާހަގަކޮށް ލިވަޕޫލްގެ ކޯޗު ބުނީ އެއީ އެ މީހުންނަށް ހައްގު މޮޅެއް ކަމަށާއި އެ މީހުންނަށް މަރުހަބާ ކިޔާކަމަށެވެ.

މި ސީޒަންގައި ލިވަޕޫލަކީ މުޅި ޔޫރަޕްގައި ވެސް އެންމެ ވަރުގަދަކޮށް ފާހަގަކުރެވޭ ޓީމެވެ. މިވަގުތު ލީގުގައި އޮތީ ވެސް އެއްވަނާގައެވެ. ކަރަބޯ ކަޕް ފައިނަލުން ވަނީ ޖާގަ ހޯދާފައެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރު އެ ޓީމުން ނިންމާލީ އެއްވަނާގައި އޮވެއެވެ. ނަމަވެސް ރޭ ބަލިވުމުން ސީޒަންގެ ހުރިހާ ތައްޓެއް ހޯދުމަށް ކުރަމުން އައި އުންމީދު މިވަނީ ފެނައް ގޮސްފައެވެ.