ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ހޮސްޓެލްއެއްގައި ޕެސްޓް މަރަން ޖަހާފައިވާ ބޭހެއްގެ ސަބަބުން ވިހަވެ، އިނގިރޭސި ވިލާތާއި ޖަރުމަނުވިލާތުގެ ދެ އަންހެނަކު މަރުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ 24 އަހަރުގެ އީބޯނީ މެކިންޓޯޝް މަރުވީ މި މަހުގެ ދެވަނަ ދުވަހު ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ޖަރުމަނުވިލާތުގެ 26 އަހަރުގެ އަންހެން މީހާ މަރުވީ އޭގެ އަނެއް ދުވަހުއެވެ. މި ހާދިސާގައި އެ ހޮސްޓެލްގައި ހުރި ޖަރުމަނުވިލާތުގެ ފިރިހެނަކަށް ވެސް ވިހަވެ، މިވަގުތު އަންނަނީ ފަރުވާ ދެމުންނެވެ.

Ad
rt

ލަންކާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހޮސްޓެލްގައި ތަންމަކުނާއި އެހެނިހެން ސޫފާސޫފި މެރުމަށް ފިއުމިގޭޓްކުރީ ދާދި ފަހުންނެވެ. މި މައްސަލަ ބެލުމަށް ފުލުހުން ވަނީ އެ ހޮސްޓެލް ބަންދުކޮށް، ހާދިސާ ހިނގީ ކޮޓަރިތައް ފިއުމިގޭޓްކޮށްފައި ހުރުމުންތޯ ބެލުމަށް ޓެސްޓުތައް ހަދަމުންނެވެ.

މެކިންޓޯޝްގެ އާއިލާއިން ބުނާ ގޮތުގައި އޭނާއާއި އެ ހޮސްޓެލްގައި ތިބި އެހެން މީހުންނަށް ވެސް ބަނޑުގައި ރިއްސުމާއި ބޮލުގައި ރިއްސުމުގެ އަލާމާތްތައް ފެނުނު ކަމަށާއި، މެކިންޓޯޝްގެ ހާލު ގޯސްވީ ނޭވާލަން އުނދަގޫވެގެންނެވެ.

މަރުވި އިނގިރޭސި ވިލާތުގެ މީހާގެ ހަށިގަނޑު އިނގިރޭސި ވިލާތަށް ގެންދިއުމަށް އާއިލާއިން ވަނީ އޮންލައިންކޮށް ފަންޑު އެއްކުރަން ފަށާފައެވެ.